އަނެއް ދިވެހިރާއްޖޭގެ މަލަމަތި ފެންނަން ފަށައިފިކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ނައިފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރަމުން ގޮސްފިނަމަ ރައްޔިތުންގެ އާމްދަނީ ދެގުނަވެގެންދާނެ ކަމަށެވެ. އަދި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ތަޢާަރަފުވެ ޑިމޮކްރަސީ ރަށްރަށަށް ތަޢާރަފުވެގެން ދިއުމުން އަދި ދެފުށް ފެންނަ އުސޫލުން ވެރިކަން ހިންގުމުގެ ކަންކަން ކުރެވުނީމާ ރަށްރަށަށް ތަނަވަސްކަން ލިބޭނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ޤައުމުތަކުގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ތަޢާަފުވެ ޑިމޮކްރަސީ ރަށްރަށަށް ތަޢާރަފުވެގެންދިޔައިމާ ދެފުށް ފެންނަ އުސޫލުން ވެރިކަން ހިންގުމުގެ ކަންކަން ކުރެވުނީމާ ރަށްރަށަށް ތަނަވަސްކަން ލިބޭނެ. އެކަމަށްޓަކައި އަޅުގަނޑު ދެކޭ ގޮތުގައި ދެން ކުރާން މިއޮތީ ވަރަށް މަދު މަސައްކަތެއް. އަނެއް ދިވެހިރާއްޖޭގެ މަލަމަތި މި އޮތީ އަޅުގަނޑުމެނަށް ފެންނަން. އިރާދަކުރެއްވިއްޔާ ޖަނަވަރީ މަހު އަޅުގަނޑުމެން މި ދަތުރު ނިންމާނެ 28 ވަނަ ދުވަހު.“
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ދެން ނައިފަރަށް ވަޑައިގަންނަވާނީ އެމްޑީޕީ ރިޔާސީ ޓިކެޓު ހިއްޕަވައިގެން ކަމަށާއި “އެއިރުގައި އަޅުގަނޑު [ތިބޭފުޅުންނާ] ބައްދަލުކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަމަށެވެ.