މިހާތަނަށް އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައިނުވާނެކަމަށް އެ ސަރވިސްއިން މިއަދު ބުނެފިއެވެ.
ކަސްޓަމްސްއިން މިހެން ބުނީ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހުރި ދެ ފޮށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެނގިފައިވާ ގޮތުން ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެެތެރެކުރި މި މައްސަލައިގައި ފުރަތަމަ ލަގެޖު ގެއްލުނީ މި މަހުގެ 08 ވަނަ ދުވަހުގައެވެ. އެ ފޮށީގެ ބަރުދަނާއެކު ގާތްގަނޑަކަށް 30 ކިލޯ ހުންނާނެކަމަށް އެނގިފައިވެއެވެ. ފުލުހުން އެ މައްސަލަ ބަލަމުން ދަނިކޮށް އިއްޔެ ވަނީ އިތުރު ލަގެޖެއް ވެސް ގެއްލިފައެވެ.
އެެއާޕޯޓުތެރެއިން އަތުލައިގަތް 46 ކިލޯގެ މަސްތުވާތަކެތި ގެއްލިފައިވާ މި މައްސަލައިގައި ކަސްޓަމްސްއިން ބުނީ އެ ސަރވިސްއިން އަތުލައިގަންނަ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމަށްފަހު މަސްތުވާތަކެއްޗާއި އެ ކަމުގައި ޝާމިލްވާ ފަސިންޖަރު ވަގުތުން ފުލުހުންނާ ހަވާލުކުރެވޭ ކަމަށެވެ. އަދި މިހާތަނަށް އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައިނުވާނެކަމުގެ ޔަޤީންކަންދޭ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްގެ ޤާނޫނުން ދިވެހިރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމަށް ކަސްޓަމްސްއަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް މަސައްކަތް ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
މިހާތަނަށް ފުލުހުން ހާމަކޮށްފައިވަނީ ފުރަތަމަ ގެއްލުނު ފޮށީގެ މަޢުލޫމާތެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ކަމަށާއި ކަސްޓަމްސްއިން އެ މީހާ ފުލުުހުންނާ ހަވާލުކުރި ނަމަވެސް ލަގެޖު ހަވާލުކޮށްފައިނުވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ރާއްޖެ އައިއިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި އެ ލަގެޖު ގެންދިޔަ މީހަކު ނޭނގޭކަމަށް އޭނާ ފުލުހުންނަށް މަޢުލޫމާތުދީފައިވާ ކަމަށެވެ.
މިހާތަނަށް އެއާޕޯޓުން ލިބިފައިވާ ފޫޓޭޖުތަކުން އެ ލަގެޖު އަދި ދެނެގަނެވިފައެއް ނުވާއިރު, އެއާޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތްކަން ފާހަގަކުރެވޭކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ހެކި ނެތިގެން ޕާކިސްތާނު މީހާ މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.