ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަމުގައި ހަމަޖައްސާފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ކެމްޕޭން ހަރަކާތްތައް ފެށުމަށް ބާއްވާ މަހާސިންތާ އަންނަ މަހު ފަށަން ތާވަލުކޮށްފިއެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މަހާސިންތާ އޮންނާނީ އަންނަ ފެބްރުއަރީ 02 އިން 04 އަށް ކަމަށެވެ.
”ރައީސް ޔާމީން 2023“ ގެ ނަމުގައި ބާއްވާ އެ މަހާސިންތާ ދަރުބާރުގޭގައި ބޭއްވުމަށް އެ ތަން ހޯދަން ހުށަހަޅާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަހާސިންތާގައި މަޝްވަރާ ކުރާނެ.
މަހާސިންތާގައި ކޯލިޝަންގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން ބައިވެރިވާނެ.
ސްޓިއަރިން ކޮމިޓީތަކާއި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވާނެ.
މިހާތަނަށް 500 އަށްވުރެ ގިނަ ބޭފުޅުން މަހާސިންތާގައި ރަޖިސްޓްރީކޮށްފައިވޭ.
ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްމުންނެވެ. ރައީސް ޔާމީނަށް ކުރި އެ ޙުކުމާއެކު އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތަށް ވަނީ ބަންދުވެފައެވެ.