ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހުރި ދެ ފޮށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޟް މިއަދު ވިދާޅުވެއްޖެއެވެ.
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެެތެރެކުރި މި މައްސަލައިގައި ފުރަތަމަ ލަގެޖު ގެއްލުނީ މި މަހުގެ 08 ވަނަ ދުވަހުގައެވެ.
ފުލުހުން އެ މައްސަލަ ބަލަމުން ދަނިކޮށް އިއްޔެ ވަނީ އިތުރު ލަގެޖެއް ގެއްލިފައެވެ.
ރިޔާޟް މިއަދު ވަނީ މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި އެމްއެންޕީގެ ނައިބު ރައީސް ރިޔާޟް ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއީ އެމީހަކު ހިތައް އެރިގޮތަކަށް ކަންކަން ކުރެވޭ ގޮތައް އިންތިޒާމުވެފައި އޮތުމުން ދިމާވާ ކަންކަން ކަމަށެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މިއީ އެމީހަކު ހިތައް އެރިގޮތަކަށް ކަންކަން ކުރެވޭ ގޮތައް އިންތިޒާމުވެފައި އޮތުމުން ދިމާވާ ކަންކަން. މި މައްސަލަ މަޖިލިހަށް ހުށަހަޅައިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވާނަން. މަސްތުވާތަކެތި އެތެރެކުރުން ހުށްޓުވުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް.“ ރިޔާޟް ވިދާޅުވިއެވެ.
މިހާތަނަށް ފުލުހުން ހާމަކޮށްފައިވަނީ ފުރަތަމަ ގެއްލުނު ފޮށީގެ މަޢުލޫމާތެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ކަމަށާއި ކަސްޓަމްސްއިން އެ މީހާ ފުލުުހުންނާ ހަވާލުކުރި ނަމަވެސް ލަގެޖު ހަވާލުކޮށްފައިނުވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ރާއްޖެ އައިއިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި އެ ލަގެޖު ގެންދިޔަ މީހަކު ނޭނގޭކަމަށް އޭނާ ފުލުހުންނަށް މަޢުލޫމާތުދީފައިވާ ކަމަށެވެ.
މިހާތަނަށް އެއާޕޯޓުން ލިބިފައިވާ ފޫޓޭޖުތަކުން އެ ލަގެޖު އަދި ދެނެގަނެވިފައެއް ނުވާއިރު, އެއާޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތްކަން ފާހަގަކުރެވޭކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ހެކި ނެތިގެން ޕާކިސްތާނު މީހާ މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.