ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ޖަލްސާއެއް އަންނަ ހުކުރު ދުވަހުގެރޭ ބާއްވަން ތާވަލުކޮށްފިއެވެ.
ރައީސް ޞާލިޙްގެ ކެމްޕޭން ޓީމުން ހާމަކުރި ގޮތުގައި މި ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ 20:30 ގައި އާޓިފިޝަލް ބީޗުގައެވެ.
ރައީސް ޞާލިޙްގެ ކެމްޕޭނު ޓީމުތަކުން ރާއްޖޭގެ އެކި ރަށްރަށުގައި ކެމްޕޭން ކުރަމުންދާއިރު އެ މަނިކުފާނު މިއަދު ވަނީ ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅު ފަށްޓަވައިފައެވެ.
ކެމްޕޭންގެ ފޯރިގަދަވެފައިވާއިރު ރައީސް ޞާލިޙް ވިދާޅުވަމުން ގެންދަވަނީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ފޯމިއުލާ އެނގިވަޑައިގަންނަވާކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާ ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދެވެ. ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ.