މާލޭގެ މަގުތަކަށް ކުނިއަޅާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި އެ ކައުންސިލުން ކުނި އެޅުން މަނާ ސަރަހައްދުތައް ފާހަގަވާނެހެން ބޯޑުތައް ހަރުކުރި ނަމަވެސް އެސަރަހައްދުތައް ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކަށް ކުނިއަޅާ މިންވަރު އިތުރުވަމުންދާ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މި މައްސަލައިގައި ރައްޔިތުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަސޭހަތްތެރިވެގެން މައްސަލަ ހައްލުކުރެވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މިފަދަ ޢަމަލުތައް ތަކުރާރުކުރާނަމަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދެވިފައިވާ ކަމަށެވެ.
”އެހެންނަމަވެސް މިކަމަށް ދާއިމީ ހައްލެއްނައިސް ތަކުރާރުކޮށް މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއެޅުން ވަނީ އާންމުވެފައި.“
އެހެންކަމުން ފުލުހުންނާއި ގުޅިގެން މަގުތައް މޮނިޓަރކޮށް މަގުތަކަށް ކުނިއަޅާ ފަރާތްތައް ދެނެގަނެ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެފަދަ ފަރާތްތައް ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ކުނިއަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްފަހު ޖޫރިމަނާ ކުރަންޖެހޭ ފަރާތްތައް ޖޫރިމަނާ ކުރުމުން އެ ފަރާތަކުން މާލެ ސިޓީ ކައުންސިލުން ހޯދަންޖެހޭ އެއްވެސް ޚިދުމަތެއް ހޯދޭނީ ޖޫރިމަނާ ފައިސާ މާލެ ސިޓީ ކައުންސިލަށް ދެއްކުމަށްފަހުގައިކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.