މާލެއާއި ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި އަތުލައިގަތް 119 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދު ދަމަހައްޓައިފިއެވެ.
2019 އަހަރު މި މައްސަލައިގައި ހައްޔަރުކޮށް ދަޢުވާ އުފުލާފައިވަނީ ގދ.ހޯނޑެއްދޫ އަލޯރާ އަޙްމަދު މުޖާހިދާއި، އެ ރަށު އިރުމަތީގޭ އަޙްމަދު ސުނައިނާއި، އެ ރަށު ގުލޭނޫރަންމާގޭ ޢަލީ ޒުބައިރެވެ.
މީގެ އިތުރުން އެ ރަށު ދެ މީހުން ކަމަށްވާ އަރުޝަދު ޚާލިދާއި އެ ރަށު މުޙައްމަދު އަކްރަމް ޢަބްދުލްހަންނާނަކީ މި މައްސަލައިގައި ޝާމިލްވާ ބައެއް ކަމަށް ފުލުހުން ތުހުމަތުކުރިއެވެ. ނަމަވެސް އޭރު އެ މީހުން ހައްޔަރުކުރެވޭ ގޮތް ނުވީ މަސްތުވާތަކެތި އެތެރެކުރި ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާއެވެ. އެ ތިން މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީ މިދިޔަ އަހަރުގެ މާޗުމަހުގެ 09 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ވަނީ ބާއްވައިފައެވެ. އެއީ ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމެކެވެ. އަޑުއެހުމުގައި ދިފާޢީ ވަކީލު އެދިވަޑައިގަތީ ވީހާވެސް އަވަހަށް މައްސަލަ ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށެވެ.
އެ ތިން މީހުންގެ ބަންދަށް ލުޔެއް ދިނުމަށް ދިފާޢީ ވަކީލު ކުރީގެ އަޑުއެހުމުގައި އެދިވަޑައިގަތް ނަމަވެސް މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު މިޞްބާޙު މިއަދު ވެސް ނިންމެވީ ބަންދަށް ލުޔެއް ދޭންޖެހޭ ހާލަތެއް ނެތް ކަމަށެވެ.
ފުލުހުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެއްޗަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި “ބަންގާ“ ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް އެތެރެކުރި މަސްތުވާތަކެއްޗެވެ.