އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ގެންގުޅުއްވާ ޙަޤީޤަތާ ދުރު ސިޔާސަތުތައް ރާއްޖޭގެ ވެރިކަމަށް އެނބުރި އަތުވެދާނެ ކަމަށް އެ އިންތިޚާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ވާދަވެރިޔާ ރައީސް މުޙައްމަދު ނަޝީދަށް ޢިޝާރަތްކުރައްވައި ރައީސް ޞާލިޙް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް މިހާރު އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިހަވަންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އިހަވަންދުއަކީ ވަރަށް ފުޅާކޮށް މަސްވެރިކަމުގެ ސިނާޢަތު ހިންގަމުން އަންނަ ރަށެއް ކަމަށާއި ރައީސް ޔާމީން އެ ރަށަށް ވަޑައިގެން އައިސްޕްލާންޓް ބަހައްޓާ ވާހަކަ ވެސް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެއިން އެނގެނީ އިދިކޮޅު ފަރާތްތަކަށް މި ސަރަހައްދު ނޭނގޭ މިންވަރު ކަމަށާއި އިހަވަންދޫގައި އައިސް ޕްލާންޓެއް ބަހައްޓައިގެން އައިސް ވިއްކަމުން އަންނަތާ އެތަކެއް ދުވަހެއް ވެއްޖެ ކަމަށެވެ.
”އަޅުގަނޑުމެން މި ޕްރައިމަރީގައި ނިންމާ ނިންމުމެއްގެ ސަބަބުން އަނެއްކާ ވެސް އެނބުރި އެ ޙަޤީޤަތާ ދުރު ސިޔާސަތުތަކުގެ އަތް މައްޗަށް ރާއްޖޭގެ ވެރިކަން ދިއުމަކީ އެކަށީގެންވާކަމެއް.“
ރައީސް މިހެން އެ ވިދާޅުވީ ޕްރައިމަރީން ނަޝީދު މޮޅުވެއްޖެނަމަ ވެދާނެ ގޮތެއްގެ މައްޗަށް ޢިޝާރަތް ކުރައްވައެވެ.
ރައީސް މިހެން ވިދާޅުވިއިރު ރައީސް ނަޝީދު ގެންދަވަނީ ރައީސް ޔާމީނަށް ތަޢުރީފުކުރައްވަމުންނެވެ.