އިދިކޮޅުގެ ލީޑަރު ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ތަޢުރީފުކުރައްވައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވާހަކަފުޅު ދެއްކެވީ އަމިއްލަފުޅު އެދުމެއް އޮތުމުންކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ޔާމީނަކީ ވަރަށް އިންޓަލެކްޗުއަލް ބޭފުޅެއް ކަމަށާއި ޔާމީނަކީ ވަރަށް އެކަޑަމިކް ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީނަކީ ތަންދޮރު ދެނެވަޑައިގަންނަވާ ވިޝަނެއް އޮތް ބޭފުޅެއްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅުން ރޭ ބޭއްވި އެއްވުމުގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ރަނގަޅު, މޮޅު ބޭފުޅެއްކަން, ތަންދޮރުފިލާވަޑައިގެން ހުންނެވި ބޭފުޅެއްކަން މި ރާއްޖޭގެ ރައްޔިތުން އެބަ ގަބޫލުކުރާ ކަމަށާއި ގަބޫލު ނުކުރަނީ އެމްޑީޕީން ކަމަށެވެ.
”މިއަދު ކޮންމެވެސް އަމިއްލަ އެދުމެއް އޮތީމަ ރައީސް ޔާމީން ވެއްޖެ އެކަޑަމިކް ބޭފުޅަކަށް. ރައީސް ޔާމީންވެއްޖެ ވިޝަނެއް ގެންގުޅުއްވާ ބޭފުޅަކަށް. ރައީސް ޔާމީންވެއްޖެ ކަންކަން ކުރަން ދެނެވަޑައިގަންނަވާ ބޭފުޅަކަށް.“ ނަޝީދަށް އަމާޒުކުރައްވައި އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އެމްޑީޕއަކުން ރައީސް ޔާމީނަކަށް ހެވެއްނޭދޭނެ ކަމަށެވެ. އަދި އެއީ ޕީޕީއެމްއަކަށް ވެސް ދިވެހި ރައްޔިތުންނަކަށް ވެސް އޯގާތެރިބައެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.