ވަޢުދެއް ވެވަޑައިގެންފިނަމަ އެ ވަޢުދެެއް ނުފުއްދަވައި ދޫކޮށްނުލައްވާނެ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙް މިހެން ވިދާޅުވީ ކެމްޕޭނަށް އުތުރުގެ ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި ހޯރަފުށްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތަކާ އެއްގޮތަށް އެކަންކަން ފުރިހަމަ ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން ހޯރަފުށީގައި ވެސް ބައެއް މަޝްރޫޢުތައް ނިމިފައިވާކަމާއި ބައެއް މަޝްރޫޢުތައް ނިމުމަކާ ގާތްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
“ޔަޤީން ކުރައްވައްޗޭ އަޅުގަނޑުމެންނަކީ ވަޢުދެއްވެފައި އެކަން ދޫކޮށްލާނެ ބައެއް ނޫން.“ ހޯރަފުށީގައި ހަދަން ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް ލަސްތަކެއްނުވެ ފެށޭނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހޯރަފުށްޓަށް ދެން ވަޑައިގަންނަވާނީ ހޮސްޕިޓަލު ހަދައި ނިމުމަށްފަހުއެވެ.