އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެމްޕޭނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރު އުތުރުގެ ބައެއް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ސްކޫލުތަކުގެ ދަރިވަރުން ނެރެން އަންގައިފިއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ޞާލިޙް މިހާރު އުތުރުގެ ބައެއް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ފެށްޓެވީ މިއަދުއެވެ. އެ ގޮތުން މި ދަތުރުފުޅުގައި ރައީސް މިހާރު ވަނީ ހޯރަފުށްޓަށް ވަޑައިގެންފައެވެ.
ދެން ވަޑައިގަންނަވާނީ އިހަވަންދުއަށެވެ.
އިހަވަންދޫ ސްކޫލުން ނެރުނު ދެންނެވުމެއްގައި ވަނީ ރައީސް ޞާލިޙް މިއަދު އެ ރަށަށް ވަޑައިގަންނަވާނެކަން ފާހަގަކޮށް އެ މަނިކުފާނަށް މަރުހަބާ ދަންނަވަން ސްކޫލުގެ ދަރިވަރުން ވެސް ނެރުމަށް އަންގާފައެވެ.
”އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ސްކޫލުގެ ގްރޭޑް 1, 2, 3 , 4 އަދި 5 ގެ ދަރިވަރުން ސަގާފީ ހެދުމެއްގައި ނުވަތަ ޤައުމީ ހެދުމެއްގައި ބެލެނިވެރިންނާއެކު ބަނދަރު ސަރަހައްދަށް ހާޒިރުވުމަށް އެދެމެވެ.“
މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިއަދު ކެލާ އަދި ދިއްދުއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.