އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޕްރައިމަރީގެ ކެމްޕޭނަށް އިތުރު ދެ އަތޮޅަކަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް ނަޝީދުގެ މިފަހަރު ދަތުރުފުޅުގެ މަންޒިލަކީ ކ.އަތޮޅާއި މ.އަތޮޅެވެ. މި ދަތުރުފުޅުގައި އެ ދެ އަތޮޅުގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބައްލަވައިލައްވާނެއެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅަށްފަހު ދެން ވަޑައިގަންނަވާނީ ހުވަދު އަތޮޅަށެވެ. އެ ދަތުރުފުޅު އޮންނާނީ މި މަހުގެ 19 އިން 21 އަށެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ނަޝީދު މިހާރު ގިނަ ރަށްތަކަކަށް ވަޑައިގެންފިއެވެ. އެންމެފަހުން ވަޑައިގަތީ ދެކުނު ބައެއް އަތޮޅުތަކާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ. ނަޝީދުގެ ކެމްޕޭން ނިންމުމުގެ ޖަލްސާ އޮންނާނީ 26 ވަނަ ދުވަހުގެރޭގައެވެ.