ރާއްޖޭގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ފަތުރުވެރިން ނިވައިކަމެއް ނެތި ބަރަހަނާވެގެން އުޅޭ މައްސަލައިގައި ޑރ.ޢަލީ ޒާހިރު ބިން ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޑރ.ޢަލީ ޒާހިރު މިއަދު ވިދާޅުވީ މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ފަތުރުވެރިން ނިވައި ކަމެއްނެތި ރަށުތެރޭގައި އުޅުން އާންމުވެއްޖެ ކަމަށާއި, އިޝްތިހާރު ކޮށްގެން މަސާޖުޕާލާތަކުގެ ނަމުގައި ވިޔާނުދާ އަމަލުތައް ހިންގުން ވެސް ޢާންމުވެއްޖެ ކަމަށެވެ.
”މިކަންކަމަށް ފިޔަވަޅު އަޅާނެ މުއައްސަސާއެއް، ޒިންމާވާނެ ފަރާތެއް މިއަދު ފެންނާކަށްނެތް. ވަރަށް ދެރަ.“ ކަންބޮޑުވުން ފާޅުކުރައްވައި ޑރ.ޢަލީ ޒާހިރު މިއަދު ހެނދުނު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ޑރ.ޢަލީ ޒާހިރުގެ އިތުރުން އެހެން ބައެއް ޢިލްމުވެރިން ވެސް އަންނަނީ މިފަދަ މައްސަލަތަކާ ގުޅިގެން ސޯޝަލްމީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ރާއްޖޭގައި ހަށިވިއްކުމުގެ މައްސަލަތައް ހުއްޓުވުމަށް ވޭތުވެދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ. އެ ގޮތުން ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް މިދިޔަ އަހަރު 25 އޮޕަރޭޝަނެއް ހިންގިކަމަށް ފުލުހުން ބުނެފައިވެއެވެ.
moonu burugaa alhaigen ulheyne touristunneh nuthiibey.