ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހުއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަތީ މިއަދު ހެނދުނުގައެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރަށާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ ފޮރިން މިނިސްޓަރު ޝާހިދެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި އެކިވދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ރާއްޖެއާއި ކެމްބޯޑިއާ އާއި ދެމެދު 06 އެެއްބަސްވުން ބަދަލުކުރެއްވިއެވެ. އަދި ކެމްބޯޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާތައް ވެސް ކުރެއްވިއެވެ.