ފުޓްބޯޅަ ތަރި ރޮނާލްޑޯ އާއި އޭނާގެ އާއިލާ ސައުދީ އަރަބިއްޔާއަށް ބަދަލުވުމަށްފަހު، ދިރިއުޅެމުންދާ ވެރިރަށް ރިޔާޟުގެ މެދުތެރޭގައި ހުންނަ ހޮޓަލަކީ ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މަރުކަޒަކަށް ވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ”ޑެއިލީ މެއިލް“ އިން ވަނީ ރޮނާލްޑޯގެ އާއިލާ ދިރިއުޅޭ ހޮޓަލުގެ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. ނޫސްތަކުން ސިފަކުރާ ގޮތުގައި ރޮނާލްޑޯއާއި އޭނާގެ އާއިލާ މިހާރު އުޅެމުންދާ ކިންގްޑަމް ޓަވަރުގެ ދެ ފަންގިފިލާއަކީ ”ޝާހީ ގަނޑުވަރެއް“ ފަދަ ރޮޔަލް ސުއިޓެކެވެ. އެމީހުންނަށް ވަކި ގެއެއް ތައްޔާރު ކުރެވެންދެން އެމީހުން ތިބޭނީ އެތަނުގައެވެ. އެއީ ވެރިރަށް ރިޔާޟުގެ އެންމެ ހިތްގައިމު މަންޒަރު ފެންނަ، އަޖައިބު ކުރުވަނިވި ތަނެކެވެ. އެއީ ވެރިރަށް ރިޔާޟުގައި ހުންނަ އެންމެ އުސް އެއް އިމާރާތެވެ. އަދި ޓަވަރުގައި ހުރި އެންމެ ރަނގަޅު އެއް ސުއިޓްއެވެ. ސަތާރަ ކޮޓަރީގެ އެ ”ގަނޑުވަރު“ގައި އުޅެނީ ރޮނާލްޑޯއާއި އޭނާގެ އާއިލާއާއި ރައްޓެހިންނާއި ސަލާމަތީ މުވައްޒަފުންނެވެ.

ރޮނާލްޑޯ ބޭނުންވާ ހުރިހާ އެއްޗެއް އެ ލަގްޒަރީ ސުއިޓުން ލިބެން ހުރެއެވެ. ކިންގްޑަމް ޓަވަރަކީ 99 ބުރީގެ އިމާރާތެކެވެ.
ރޯޔަލް ސުއިޓްތަކަކީ އާންމުކޮށް ސައިޒުން ކުދި ސުއިޓްތަކެއް ނަމަވެސް އެއީ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑުގައި ހޭދަކުރި ދުވަސްވަރު ދިރިއުޅުނު އިނގިރޭސިވިލާތުގެ ގިނަ އެޕާޓްމަންޓްތަކަށް ވުރެ ބޮޑު ތަނެކެވެ.
ރޮނާލްޑޯގެ ހޮޓެލް ސުއިޓުގެ އަގު އެ ހޮޓަލުގެ ވެބްސައިޓުގައި ލިސްޓްކޮށްފައެއް ނުވެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި އެއީ ރޯޔަލް ސުއިޓަށް ނިސްބަތްވާ ތަނަކަށް ވާތީ އެތަނަށް ރެއަކަށް 3،300 ޕައުންޑްގެ އަގެއް ދައްކަން ޖެހެއެވެ.
ދުނިޔޭގެ އެންމެ މޮޅު އަދި އެންމެ މަގުބޫލު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ރޮނާލްޑޯ ސައުދީ އަރަބިއްޔާއަށް ބަދަލުވީ އެ ގައުމުގެ މަޝްހޫރު ކްލަބެއްކަމުގައިވާ ”އައްނަސްރު“އަށް ކުޅުމަށެވެ.