މުދާ ހިފައިންގެން އައްޑު އަށް ދަތުރު ކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ފަރަކަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނި ލ. ހުޅިމެންދޫ އުތުރު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ރޭ މެންދަރު 2:00 ގެ ފަހުން ލިބުމާ އެކީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން ހަރަކާތްތެރި ވާން ފަށައިފައެވެ. ހަ ފަޅުވެރިންނާ އެކީ ދަތުރުކުރި 85 ފޫޓުގެ ސަޕްލައި ދޯންޏަކީ މުދާ ހިފައިގެން މާލޭން އައްޑޫ ކެނަރީފް ރިސޯޓަށް ދަތުރު ކުރަމުން ދިޔަ ”ބޮނިތޯ ކެރިއާ“ ނަމަކަށް ކިޔާ ދޯންޏެކެވެ.
މި ހާދިސާގައި އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.