އެމެރިކާގެ ޓެކްސަސް ސްޓޭޓުގެ އާރްބޮނީ ގެބްރިއަލް އަށް މިސް ޔުނިވާސްގެ މަގާމު ހޮނިހިރު ދުވަހުގެ ރޭ ލިބިއްޖެ އެވެ.
އެ މަގާމަށް ގެބްރިއަލްއާ އެންމެ ގާތުން ވާދަކުރީ ވެނެޒުއެލާގެ އަމަންޑާ ޑޫޑަމެލް އާއި ޑޮމިނިކަން ރިޕަބްލިކްގެ އެންޑްރީނާ މާޓިނޭޒްއެވެ.
ބޮނީ ގެބްރިއަލްއަށް ލިބުނު މަތިވެރި ފަޚުރާއި ކާމިޔާބީ ފާހަގަކުރުމަށް މިއުޒިކާއެކު، އޭނާއަށް މާ ބޮނޑިއެއް ހަދިޔާކޮށް، އޭގެ ފަހުން އޭނާގެ ބޮލުގައި މިސް ޔުނިވާރސްގެ ތާޖު އަޅުވާފައިވެ އެވެ.

މިސް ޔުނިވާސް މުބާރާތުގައި އެކި ގައުމުތަކުން ގާތްގަނޑަކަށް 84 އަންހެނުން ވާދަކުރިއިރު މުބާރާތުގެ ތެރޭގައި އަމިއްލަ ސުވާލުތަކުގެ އިތުރުން ކެންޑިޑޭޓުންނާ ތަފްސީލީ އިންޓަވިއުތައް ވެސް ކުރިއަށް ގެންދެ އެވެ.

ފައިނަލަށް ދިއުމާއެކު ކުރިއަށް ގެންދިޔަ ސުވާލު ޖަވާބުގެ ތެރޭގައި ބޮނީ ގެބްރިއަލް ދެއްކި ވާހަކައިގައި އޭނާގެ ފެޝަން ޑިޒައިންތަކުގައި ރީސައިކަލް ތަކެތި ބޭނުންކުރާކަމަށާއި ހިއުމަން ޓްރެފިކިން އާއި ގެވެށި އަނިޔާއިން ސަލާމަތްވި މީހުންނަށް ފަހަން ދަސްކޮށްދިނުމުގެ މަސައްކަތް ކޮށްފައިވާކަމަށް އޭނާ ބުނެފައިވެއެވެ.
ކުރީގެ ވޮލީ ކުޅުންތެރިއެއްގެ ގޮތުން ވެސް ފާހަގަވެފައިވާ ގެބްރިއެލް ވަނީ ޔުނިވާސިޓީ އޮފް ނޯތު ޓެކްސަސް އިން ފެޝަން ޑިޒައިންއިން ޑިގްރީ ހާސިލްކޮށްފަ އެވެ. މިހާރު އޭނާއަކީ އޭނާގެ އަމިއްލަ ފަހާ ކުންފުންޏެއްގެ ސީއީއޯ އެވެ. އަދި އޭނާއަކީ ތިމާވެށީގެ ކަންތަކަށް އިސްކަންދޭ އުމުރުން 28 އަހަރުގެ ޒުވާނެކެވެ.
މިސް ޔުނިވާސްގެ މަގާމު މިދިޔަ އަހަރު ހޯދީ އިންޑިއާގެ ހަރްނާޒް ސިންދޫ އެވެ.