ރައީސް ޔާމީން ޢަބްދުލްޤައްޔޫމަކީ ”ތަންދޮރު ދަންނަ“ ބޭފުޅެއްކަމަށް ކުރީގެ ރައީސް ނަޝީދު މިއަދު ވިދާޅުވުމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނާއި ޕީޕީއެމްއާއި ދެމެދު އޮތް ޚިޔާލުތަފާތުވުމަކީ އެ ޕާޓީން އިންޑިއާއާމެދު ގެންގުޅޭ ވިސްނުން ކަމަށެވެ. އެ ނޫން ކަމެއް ނެތްކަމަށް ވިދާޅުވެ ނަޝީދު ވަނީ ޔާމީނަށް ތަޢުރީފު ވެސް ކުރައްވައިފައެވެ.
ނަޝީދު ވިދާޅުވީ ޔާމީނަކީ ވަރަށް އިންޓަލެކްޗުއަލް ބޭފުޅެއް ކަމަށާއި ޔާމީނަކީ ވަރަށް އެކަޑެމިކް ބޭފުޅެއް ކަމަށެވެ. އަދި އެއީ ތަންދޮރު ދަންނަ ވިޝަނެއް އޮތް ބޭފުޅެއްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން ރޮޒައިނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ޔާމީން ތަންދޮރު ފިލައިގެން ކުރެއްވި ކަމަކީ ފަނޑިޔާރުންނާ ހުރިހާ ސިޔާސީ ވެރިން ޖަލަށްލުމެއް ނޫންތޯ އައްސަވައިފައެވެ. އަދި ނަޝީދު ތި ވިދާޅުވާ އިންޓަލެކްޗުއަލް ވިޝަނަރީ ޢަމަލަކީ އެއީތޯ ވެސް ސުވާލު ކުރެއްވިއެވެ.
ރައީސް ޔާމީންގެ ދައުރުގައި އޭރު ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލިއެވެ. އޭގެތެރޭގައި އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ފާރިސް މައުމޫން ވެސް ހިމެނިވަޑައިގަންނަވައެވެ.