މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެކަމަށް ބުނެ ދައްކާ ވާހަކައަކީ ވޯޓު ހޯދަން ދައްކާ ވަގުތީ ވާހަކައެއް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
”ފިކުރެއްގެ ދިރުން“ ކެމްޕޭން ޖަގަހަ ހުޅުވައިދެއްވުމަށް މިރޭ ބޭއްވި އިވެންޓުގައި ރައީސް ނަޝީދު ވިދާޅުވީ މިއަދާ ހިސާބަށް އައިއިރު ވެސް މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައި ނުދެވުނު ކަމަށެވެ.
”މިއަދު އިންތިޚާބަށް ނުކުންނަމުން ސަރުކާރުން މާލޭގެ އެކިއެކި ގޭގެއަށް ތާއީދުކުރާ މަޖިލީހުގެ ބައެއް ޢިއްޒަތްތެރި މެންބަރުންނާއި އަދިވެސް އެހެން ބޭފުޅުން ގޭގެއަށް ވަންނަވައި އެބަ ވިދާޅުވޭ ވޯޓު ވަކި ގޮތަކަށް ދެއްވައިިިފިއްޔާ އެ މީހުންނަށް ގޯތި ލިބޭނެކަމަށް.“
ރައީސް ނަޝީދު ވިދާޅުވީ އެ ދައްކަވާ ވާހަކަތަކަކީ ޙަޤީޤަތެއް ނޫން ކަމަށެވެ. އަދި އެއީ ވޯޓު ހޯދަން ދައްކާ ވަގުތީ ވާހަކައެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
”މިހާރު ސަރުކާރުން މާލޭ މީހުންގެ ވޯޓު ހޯދުމަށްޓަކައި އެ މީހުންނަށް ގޯއްޗެއް ދޭނެކަމަށް ބުނެ އެ ދައްކަވާ ވާހަކައަކީ ވަގުތީ ވާހަކައެއް. އަޅުގަނޑަށް އެބަ އެނގޭ އެއީ އަންނަނީ އަންނަނީގައި އޮތްކަމެއް ކަން.“
ރައީސް ނަޝީދު މިއަދު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން އެއްއަހަރުތެރޭ ހަމަޖައްސަވާނެކަމަށް ވެސް ވިދާޅުވެފައެވެ.