ސަރުކާރުން އަމާޒު ހިފާފައި ހުރީ ށ.ކޮމަންޑޫ ރައްޔިތުން ޖެއްސި ދަތުރު މާލޭ ރައްޔިތުންނަށް ޖައްސަންކަމަށް ރައްޔިތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
”ފިކުރެއްގެ ދިރުން“ ކެމްޕޭން ޖަގަހަ ހުޅުވައިދެއްވުމަށް މިރޭ ބޭއްވި އިވެންޓުގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މިސްރާބު ޖަހާފައިހުރީ ގަނެ ވިއްކުމުގެ އުސޫލުން ސިޔާސީ ކަންކަން ހިންގުމުގެ ފަލްސަފާއަކަށް ކަމަށެވެ.
”ކަންތައްތައް ބޭނުންވާ މީހާއަށް ކަންކަން ފޯރުކޮށްނުދީ ތިމަންނާ ބޭނުންވާކަމެއް ހާސިލުކުރުމަށްޓަކައި ގަނެވިއްކާ އުސޫލުން ކަންކަމުގެ ވާހަކަ ދައްކަމުންދިއުން. ޓްރާންސެކްޝަނަލްކޮށް ސިޔާސީ ކަންކަން ގެންދިއުން. މީ އަޅުގަނޑަށް ސަރުކާރުން ވަރަށް ބޮޑަށް ފެންނަ ސިފައެއް. އަޅުގަނޑު ބިރުގަންނަ ސިފައެއް އެއީ.“
އެ ގޮތުން މާލޭގެ ބައެއް އިއްޒަތްތެރި ރައްޔިތުން މަޖިލީހުގެ މެންބަރުން ގޭގެއަށް ވަޑައިގެން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅިގެން “ދޮގު ހަދަމުން އެބަގެންދާ“ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
”މީގަ އަޅުގަނޑަށް ބޮނޑިއެއް ވެސް ލިބިއްޖެ. ސަރުކާރުން އަޅުގަނޑު ގާތުގައި ބުނީ ކޮމަންޑޫ ގުޅުވައިދޭނެ ކަމަށް ކޮމަންޑޫގައި ހުރެ އަޅުގަނޑު ބުނާށޭ. ދެން އަޅުގަނޑު ކޮމަންޑޫގައި ހުރެ ދެ ކޮމަންޑޫ ގުޅުވާ ވާހަކަ ބުނެއްޖައިން. ރަނގަޅަށް ވޯޓުލާ ނުނިމޭ ޖައްރާފު ގެންގޮސްފި. މިހާރު އެޅި ވެލިކޮޅު ހިނގައްޖެ. ޙަޤީޤަތުގަ މީ ކޮމަންޑޫ މީހުންނަށް ވަރަށް ބޮޑު ހިތާމައެއް. މި ދަތުރު މާލޭ މީހުނަށް ޖައްސަން މިހާރު ސަރުކާރުން އަމާޒު ހިފާފައި އެބައޮތް. އަދި އަޅުގަނޑު ދަންނަވާނަން. މާލޭގެ ބައެއް އިއްޒަތްތެރި ރައްޔިތުން މަޖިލީހުގެ މެންބަރުން ގޭގެއަށް ވަޑައިގެން މި ދޮގު ހަދަމުން އެބަގެންދޭ.“ ނަޝީދު ވިދާޅުވިއެވެ.
ދެ ކޮމަންޑޫ ގުޅުވައިލަން ސަރުކާރުން ވަޢުދުވީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު ނިޔާވުމާ ގުޅިގެން އެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގެ ކެމްޕޭނުތެރޭގައެވެ. ނަމަވެސް އެ މަޝްރޫޢު މިއަދު އޮތީ ހުއްޓިފައެވެ.