މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ނަމުގައި ފޭކް މެސެޖުތަކެއް ކުރަމުންދާތީ ސަމާލުވުމަށް އޭނާ މިއަދު އެދިވަޑައިގަންނަވައިފިއެވެ.
މޭޔަރު ޑރ.މުޢިއްޒު ވިދާޅުވީ އޭނާގެ އަމިއްލަ ފޯނު ނަމްބަރު ބޭނުންކޮށްގެން އެސްއެމްއެސް އަދި ވައިބަރ މެސެޖުތައް އެކި ފަރާތްތަކަށް ފޮނުވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މެސެޖުތައް ފޮނުވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ކަންކަމާ ގުޅުވައިގެންނެވެ.
މިދިޔަ ޑިސެމްބަރުމަހު ވެސް މޭޔަރުގެ ނަމުގައި ފޭކް މެސެޖުތަކެއް ރާއްޖޭގެ އެކިއެކި ނޫސްވެރިންނަށް ފޮނުވަމުން ދިޔަކަމުގެ މައުލޫމާތު ލިބިފައިވާތީ ނޫސްވެރިން އެކަމަށް ސަމާލުވުމަށް ވެސް ކުރިން އެދިވަޑައިގަތެވެ.
އެ މައްސަލަ ވަނީ ޕޮލިހަށް ހުށަހަޅުއްވައިފައެވެ. މޭޔަރު ވިދާޅުވީ މިފަހަރުގެ މައްސަލަ ވެސް ހުށަހަޅުއްވާނެ ކަމަށެވެ.
މޭޔަރު ޑރ.މުޢިއްޒު ވަނީ އެފަދަ މެސެޖެއް ލިބިއްޖެ ފަރާތެއްނަމަ ލަސްނުކޮށް އެކަމުގެ ހަޤީޤަތް އޭނާ ކުރެން އެއްސެވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.