އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބާއެކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފަހަތްޕުޅަށް އެރުއްވި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) އަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ކެމްޕޭން ފެށިގެން ދިއުމާއެކު ފެނިގެންދިޔައީ ރައީސް މުޙައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ކުރިން ތިއްބެވި ބޭފުޅުން އެމަނިކުފާނު ދޫކޮށްލެއްވުމަށްފަހު ރައީސް ޞާލިޙްގެ ފަހަތްޕުޅަށް އެރުއްވި މަންޒަރެވެ. އޭގެތެރެއިން އެއް ބޭފުޅަކީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދެވެ.
ހަސަންޓޭއަކީ މީގެކުރިން މަޖިލީހުގެ ޖަލްސާތަކުގައްޔާއި އެކި ޕްލެޓްފޯމުތަކުގައި ރައީސް ޞާލިޙްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ.
ރައީސް ޞާލިޙްގެ ކެމްޕޭނު ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމްގެ އަރިހުގައި ހަސަންޓޭ އިންނަވާ މަންޒަރު ފެންނަ ފޮޓޯއެއް މީޑިއާގައި ދައުރުވަމުން އަންނައިރު ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.
ޢާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުން މިނިސްޓަރު ލެޕްޓޮޕެއް ހިއްޕަވައިގެން ގެއެއްގެ ސޯފާގައި އިންނެވިއިރު ހަސަންޓޭ އިންނެވީ އެ ސޯފާގެ އެއް އަރިމަތީގައެވެ. އެ ތަނުގައި ހަސަންޓޭ އިންނެވި ގޮތުން ބައެއް މީހުން ސިފަކުރީ ހަސަންޓޭއަކީ ”ވަޒީރުންނަށް ނޯކިރީކޮށްދޭ މީހެއް“ ގެ ގޮތުގައެވެ.
ވ.ފުލިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ރަށްރަށުގެ ތަރައްޤީ ގުޅިފައި އޮންނަނީ ވަޒީރު ބޭފުޅަކު ވިދާޅުވި ގޮތެއް ހަދައި އުޅުމުންކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ ރަށު ތަރައްޤީ ގުޅިފަ އޮންނަނީ ވަޒީރު ބޭފުޅެއްގެ ގޭދޮށުގައި މުގޯލި އެޅުމާއި އެބޭފުޅާއަށް ބާޒާރުކޮށްލަދިނުމޭ. އެ ބޭފުޅާއަށް ދަރިން ގޮވައިގެން ސްކޫލަށް ގެންގޮސްދީ އެ ގޭ ވަޅުދިޔަ ހިއްކައިދީ މަތިވަޑާންގަނޑު ވެސް ހަދާލަ ދިނީމައޭ ރަށު ތަރައްޤީއަކީ“
ނަޝީދު ވިދާޅުވި ގޮތުގައި ވެެރިއެއްގެ ތައްޕާހުން ލިބޭނީ އެންމެ ކަމެކެވެ. އެއީ އަޅުވެތިކަމެވެ.
މީގެން މަށަށް ސިފަވަނީ ނޯކިރީއެއްނޫން، ގާތްކަމާއި އެކުވެރިކަން، މަވެސް މަގޭ ގާތް ރައްޓެއްސެއް ސޯފާގަ އިންނަ ގަޑީގަ އައްގަނޑުގަ އިންނަންން ވަރައް ގިނއިން