ކޮރަޕްޓް ކެމްޕޭނަކުން ރައްޔިތުންނަށް ހޯދައިދެވޭނެ މަންފާއެއް ނޯންނާނެކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސަޢީދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފާޑުވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙްގެ ކެމްޕޭނު ދަތުރުފުޅުތަކާއި ރަސްމީ ދަތުރުފުޅުތައް އެއްކުރުމަކީ މަޤާމުގެ ނުފޫޒު ބޭނުންކުރުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނި ޚަބަރާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
”ކޮންތާކު މި ޖެހުނީ. ނުބަޔަކުން ހެވެއް ނުނިކުންނާނެ.“
ދިޔާނާ ވިދާޅުވީ ކޮރަޕްޓް ކެމްޕޭނަކުން ރައްޔިތުންނަށް ހޯދައިދެވޭނެ މަންފާއެއް ނޯންނާނެކަމަށެވެ.
ރައީސް ޞާލިޙް ކެމްޕޭނު ދަތުރުފުޅުތައް ކުރައްވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި ކެމްޕޭނު ކުރައްވަނީ ދައުލަތުގެ ފައިސާއާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުންކުރައްވައިގެން ކަމަށް އިދިކޮޅުން ވެސް ވަނީ ތުހުމަތުކޮށްފައެވެ.