އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންފިނަމަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފަހަތްޕުޅުގައި ނުހުންނަވާނެ ކަމަށާއި ހުންނަވާނީ ގޭގައިކަމަށް ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ނ.ކެނދިކުޅުދުއަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އިންތިޚާބުން ބަލިވެއްޖެނަމަ އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނެތޯ ސަޕޯޓަރަކު ދެންނެވުމުން ކޯފާ އިސްކުރައްވަމުން ނަޝީދު ވިދާޅުވީ ޕީޕީއެމްއާ ގުޅިގެން މަސައްކަތް ނުކުރައްވާނެ ކަމީ ސަތޭކައިން ސަތޭކައިގެ ކަމެއް ކަމަށެވެ. އަދި ރައީސް ޞާލިޙާއެކު ވެސް ނުހުންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އަހަރެން އެކަނި ގޮސް ގޭގަ ހުރީމަ ނިމުނީނު.“ އިސްކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ދެން ދެއްކެވީ ޕާޓީގެ ދަފްތަރުން 39000 މެންބަރުން ވަކިކުރި ވާހަކައެވެ. ވިދާޅުވީ އެ އެންމެން ވަކިކުރީ އެ މަނިކުފާނަށް ވޯޓުދީފާނެތީ ކަމަށާއި ވަކިކުރި މީހުންގެ ތެރޭގައި ބައްޕާފުޅާއި ބޭބޭފުޅު ވެސް ހިމެނޭ ކަމަށެވެ.
ނަޝީދު މީގެކުރިން ވިދާޅުވި ގޮތުގައި ޢާއިލާގެ އިތުރު ބޭފުޅުންނާއި އެ މަނިކުފާނުގެ ގާތް ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ދަފުތަރުން ވަނީ ވަކިކޮށްފައެވެ.