އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕްގައި ވެރިކަން ހޯއްދަވަން އުޅުއްވާ ބޭފުޅަ ނެތްކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ޔާމީން ޢަބްދުލްޤައްޔޫމު މިނިވަން ކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި އެއްވުމުގައި އަދުރޭ ވިދާޅުވީ ކޯލިޝަނުގެ ސަފުތަކުގެ ބަދަހިކަން ފެނުމުން ކޯލިޝަން ބައިބައިކޮށްލަން ވާދަވެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދުރޭ މިހެން ވިދާޅުވިއިރު އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީން މިނިވަންކުރަން މަސައްކަތެއް ނުކުރާ ކަމަށާއި ލީޑާޝިޕްގައި ތިއްބެވީ ރިޔާސީ ޓިކެޓު ބޭނުންވެގެން އުޅުއްވާ ބޭފުޅުންކަމަށް ބައެއް ފަރާތްތަކުންދަނީ ބުނަމުންނެވެ.
”އަޅުގަނޑު ވަރަށް ކެރިހުރެގެން މި ދަންނަވަނީ އަޅުގަނޑުމެންގެ ލީޑާޝިޕްގެތެރޭގަ ވެރިކަން ބޭނުންވެގެން އުޅޭ މީހުންނެއް ނެތް.“ އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ލީޑާޝިޕްގައި ތިއްބެވީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ބޭނުންވާ ބޭފުޅުން ކަމަށެވެ.