ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ ތާއީދެއް އޮތް ބޭފުޅެއް ނޫންކަމަށް ވިދާޅުވެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު މުއްދަތު ހަމަވާން ގާތްވަމުން އަންނައިރު ދެ ކެންޑިޑޭޓުން ވެސް ގެންދަވަނީ ވަރުގަދައަށް ބަހުގެ ހަމަލާތައް ބަދަލުކުރައްވައި ފާޑުވިދާޅުވަމުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް މިހާރު ރައީސް ޞާލިޙް އެނގުނަސް ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން އެއީ މީހަކު ދަންނަ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ގްރާސްރޫޓުގެ ބޭފުޅުންނާ ގުޅުން އޮންނަ ބޭފުޅެއް ނޫންކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
”ރައީސް ޞާލިޙަކީ އެމްޑީޕީގެ ތާއީދު އެއްވެސް އިރެއްގައި އޮތް ބޭފުޅެއް ނޫން.“
އެމްޑީޕީ އުފެދިގެން އައި އެއްވެސް ދަތުރެއްގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންފައެއް ނުހުންނާނެ ކަމަށާއި ހަމައެކަނި ބައިވެރިވެވަޑައިގަތީ ކެމްޕޭން ދަތުރުތަކުގައިކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
”އަޅުގަނޑުމެން މި ދަތުރު ފަށައިގެން އުޅޭތާ ވަރަށް ދުވަސް ވެއްޖެ.“ ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ. ރައީސް ނަޝީދު ވަނީ އެ ދުވަހު އެމްޑީޕީގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.