އަދާލަތު ޕާޓީން ވަރަށް ބޮޑަށް އިސްލާމްދީނަށް އަހައްމިއްޔަތުކަން ދެއްވާކަމަށް ވިދާޅުވެ ރައީސް މުޙައްމަދު ނަޝީދު މިއަދު އެ ޕާޓީއަށް ތަޢުރީފުކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން އިއްޔެ މ.މަޑުއްވަރިއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރެއަށް ގެންނަންޖެހޭ ބައެއް ފިކުރު އެބަހުރި ކަމަށާއި އޭގެތެރޭގައި ބައެއް ޕާޓީތަކުގެ ސިޔާސަތުތައް ވެސް ހިމެނޭ ކަމަށެވެ.
”ޚާއްސަކޮށް އަޅުގަނޑު ދަންނަވައިލާނަން ޢަދާލަތު ޕާޓީގެ ވިސްނުން. ބައެއް ވިސްނުން އެއީ އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފުކުރަންޖެހޭ ކަންކަން.“ ޢަދާލަތު ޕާޓީއަށް މީގެކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވާ ނަޝީދު ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީގެ ވަރަށް ގިނަ ރަނގަޅު ސިފަތައް އެބަހުރި ކަމަށެވެ. އެ ގޮތުން އެ ޕާޓީން އިސްލާމްދީނަށް އަހައްމިއްޔަތުކަން ދެއްވާކަމާއި އެ ޕާޓީން ޢާންމުންނަށް އިސްލާމްދީނުގެ އަސްލުތައް އަންގައިދެމުންދާ ގޮތް ވަރަށް ފުރިހަމަކަމަށް ނަޝީދު ވިދާޅުވިއެވެ.
”ޚާއްސަކޮށް އެ ބޭފުޅުން އިސްލާމްދީނަށް ދެއްވާ އަހައްމިއްޔަތުކަމާ އަދި އިސްލާމްދީނުގެ އަސްލުތައް އަޅުގަނޑުމެންގެ ތެރޭގައި އެބޭފުޅުން ވަކާލާތު ކުރާ ގޮތް އަދި އަޅުގަނޑުމެނަށް އަންގައިދެމުންދާ ގޮތް. އޭގެތެރެއިން ގިނަ ޝައިޚުންނަކީ ވަރަށް ރަނގަޅު ވަރަށް ތަންދޮރު އެނގޭ ހެޔޮލަފާ ނަސޭހަތް އަޅުގަނޑުމެންނަށް ދޭ ބައެއް.“
ނަޝީދު މިފަދައިން ތަޢުރީފު ކުރައްވާފައިވާއިރު އެ މަނިކުފާނަކީ މީގެކުރިން ޢަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.