އެ މަނިކުފާނުގެ ވެރިކަމެއްގައި އެއް އަހަރު ދުވަހުގެތެރޭގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ނަޝީދު ވިދާޅުވީ އެކަން ހައްލުކުރުމަށް ހުޅުމާލޭގެ ލޭންޑް ޔޫޒް ޕްލޭން ބަދަލުކުރަންޖެހޭ ކަމަށެވެ.
”މިހާރު މި އޮތް ހުޅުމާލޭގެ ލޭންޑް ޔޫޒް ޕްލޭނަށް ތަބާވެގެން ތިބެ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދެވޭކަށް ނެތް.“
ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހުޅުމާލޭގައި އެބައޮތް ކަމަށެވެ. އަދި އެ ބިންތަކުގައި ޕާކުތަކާއި މޯލުތައް ފަދަ ތަންތަން އެޅުމުގެ ބަދަލުގައި ރާއްޖޭގައި ކުރެވެން އޮތް ފެންވަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަންޖެހޭކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
”އަޅުގަނޑުގެ އަހަރެއްހައި ދުވަސްތެރޭ އެކަން ކުރާނަން މާލޭ ހުރިހާ އެންމެނަށް. މި ތަނުގެ ހުރިހާ އެންމެންނަށް އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަން އަޅުގަނޑު ހޯދައިދޭނަން.“
ނަޝީދު ވިދާޅުވީ މާލެ ސްލަމްއެއްހެން އޮތްއިރު ހުޅުމާލެ ހޮންކޮންގއާއި ދުބާއީ ނުވަތަ ސިންގަޕޫރުފަދަ ތަރައްޤީވެފައިވާ ޤައުމުތަކުގެ ފެންވަރުގައި އޮންނަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި “ޅުމާލެ ތަރައްޤީކުރުމުގެ ވިސްނުން ބަހައްޓަންވީ ސްލަމްއެއް ސާފުކުރުމުގެ މަސައްކަތެއްގެ ގޮތުގައި“ ކަމަށް ނަޝީދު ވިދާޅުވިއެވެ.