ކެމްބޯޑިއާއިން އެކި ބާވަތްތަކުގެ މުދާ ރާއްޖެ އެތެރެކުރަން ދެ ޤައުމުން މަޝްވަރާ ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެއަށްފަހު މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައި ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން މަޝްވަރާ ކުރައްވައިފައެވެ.
ބައްދަލުވުމަށްފަހު ދެ ޤައުމުން ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ އިގުތިސާދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ތެރެއިން ކެމްބޯޑިއާއާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސް ވިދާޅުވީ ކެމްބޯޑިއާއަކީ ގިނަ ޢަދަދަކަށް ހަނޑޫ އުފައްދާ ޤައުމެއްގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ހަނޑުލާއި ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ ޢަދަދަކަށް އެކްސްޕޯޓް ކުރާ ޤައުމެއް ކަމަށެވެ. އެހެންކަމުން ކެމްބޯޑިއާގެ ހަނޑުލުގެ ބާޒާރުން ރާއްޖެއަށް އިތުރު ފުރުސަތުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އޭގެ އިތުރުން، ޒުވާރިއާއި، މިރުހާއި، ދަނޑިއަލުތްވާއި، ކެޝޫނަޓް ފަދަ ދަނޑުވެރިކަމުގެ ބާވަތްތަކާއި، މޭވާގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.
ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ޤައުމެއްކަމުން ފޭރާމުގެ ބާވަތްތަކާއި، ދަތުރުފަތުރާ ގުޅުންހުރި މުދަލާއި، ލަކުޑީގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށާއި ރާއްޖޭގައި ތައްޔާރުކުރާ ދަޅުމަހާއި ކަނޑުމަހުގެ އުފެއްދުންތައް ކެމްބޯޑިއާއަށް އެކްސްޕޯޓް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”ތަފާތު ބާޒާރުތަކަށް އަޅުގަނޑުމެންގެ އިމްޕޯޓް ސިންދަފާތު ކުރުމުން ލިބޭނެ ހަމައެކަނި ފައިދާއަކީ ރާއްޖޭގައި ވިއްކާ އަސާސީ ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތަކުގެ އަގުތައް ދަށަށް ދިޔުމެއް ނޫން. އޭގެ އިތުރުން އަޅުގަނޑުމެންގެ ކާނާގެ ރައްކާތެރިކަން އިތުރުވެ ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކަށް ވެސް އިތުރު އިޚްތިޔާރުތައް ލިބިގެންދާނެ.“ ރައީސް ވިދާޅުވިއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމުގެ ގޮތުން މި ދަތުރުފުޅުގެ ހަވާސާގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ރާއްޖެއާއި ކެމްބޯޑިއާގެ ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ މެދުގައި ބާއްވާ ބިޒްނަސް ފޯރަމެއް މިއަދު އޮންނާނެއެވެ.
މި ބިޒްނަސް ފޯރަމްގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޔަޤީންކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.