ރާއްޖެއާއި ކެމްބޯޑިއާ ރައްޔިތުން ވިސާ ނެތި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މި ގޮތަށް އެއްބަސްވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމަށްފަހު ދެ ޤައުމުން ބޭއްވިޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ރައީސް ޞާލިޙް ވިދާޅުވީ ދެ ޤައުމެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގެ އެންމެ މުހިންމު ބަޔަކީ އެ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ޤާއިމުވެފައި އޮންނަ ބަދަހި ގުޅުން ކަމަށެވެ.
”އެހެންކަމުން އަޅުގަނޑުމެން ދެޤައުމުގެ މެދުގައި ވިސާ ނެގުމަކާ ނުލައި، އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމީ އަޅުގަނޑު އެކަމާމެދު ނުހަނު އުފާކުރާ ކަމެއް. މިހާރު ދިވެހިންނަށާއި ކެމްބޯޑިއާގެ ރައްޔިތުންނަށް ވެސް ވިސާ ނެގުމަކާ ނުލައި 30 ދުވަހުގެ މުއްދަތަށް ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރެވޭނެ.“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މިއަދުގެ މަޝްވަރާތަކުގައި ކެމްބޯޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.