އެ މަނިކުފާނާއި ޕީޕީއެމްއާއި ދެމެދު އޮތް ޚިޔާލުތަފާތުވުމަކީ އެ ޕާޓީން އިންޑިއާއާމެދު ގެންގުޅޭ ވިސްނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކުގެތެރެއިން އިންޑިއާއާ ދެމެދު އޮތް ސިޔާސަތަކީ ވަރަށް ހަރުދަނާ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ކުރިއަށް ގެންދަވާނެ ކަމަށެވެ.
”އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ސުލްހަ މަސަލަސްކަމަށް ރާއްޖެއިން ވަރަށް ބޮޑަށް ވިސްނާންޖެހޭނެ. އަޅުގަނޑުމެންނަށް ޖޯގްރަފީއެއް ދުލެއް ނުކޮށްލެވޭނެ. އިންޑިއާއަކީ އަޅުގަނޑުމެންގެ ޖެހިގެން އޮތް އަވަށްޓެރި ޤައުމު. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ކަންކަން ހިނގަމުން އަންނަނީ އިންޑިއާއާ ގުޅިގެން. އަދި އަޅުގަނޑުމެންގެ ތަރައްޤީއަށް އިންޑިއާއިން އަބަދުވެސް ވެދޭ އެހީތެރިކަން އެހާމެ ބޮޑު.“
ނަޝީދު ވިދާޅުވީ ދެކުނު އޭޝިޔާ ޤައުމުތަކާ އޮންނަ ގުޅުންތަކަކީ ޒަމާނުއްސުރެ އޮންނަ ގުޅުންތައް ކަމަށާއި އެ ގުޅުންތައް ރާއްޖެއިން ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އަދި އިންޑިއާއާ އިދިކޮޅަށް ހިންގާ މި ބާވަތުގެ ކަންކަމަކީ ހުތުރު ކަންކަން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
”އަޅުގަނޑު ތަކުރާރުކޮށް ޕީޕީއެމް ބޭފުޅުން ކައިރީގަ އެބަ ދަންނަވަން އަޅުގަނޑާ ތިބޭފުޅުންނާ އޮތް ހަމައެކަނި ޚިޔާލު ތަފާތުވާ ތަނަކީ މިއީއޭ. އިންޑިއާ އައުޓު ދޫކޮށްލައްވާށޭ. އަޅުގަނޑު ރައީސް ޔާމީން އަރިހުގަ ވެސް ތަކުރާރުކޮށް އެބަ ދަންނަވަން އެވިސްނުން ދޫކޮށްލައްވާށޭ.“ ނަޝީދު ވިދާޅުވިއެވެ.