ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެރަށަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން ހަރަދުކޮށްގެން ތަރައްގީ ކުރާ މި އެއާޕޯޓް އަކީ 2.1 ބިލިއަން ރުފިޔާއަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރެވިގެން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.
މިދަތުރާއި ގުޅިގެން މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން މިއަދު ވިދާޅުވީ، އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށާއި، މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 18 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެއާޕޯޓް ތަރައްގީ އާއި ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާ އިރު، އެއާޕޯޓްގެ މިހާރު އޮޕަރޭޝަންތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށާއި، ފަސެންޖަރުންނަށް އެއާޕޯޓުން ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ.
މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީހުގައިވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓުމަންޓެވެ.
މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު 2024 ވަނަ އަހަރު ނިންމާލެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. މި އެއާޕޯޓުގެ ޓާމިނަލް ފަރުމާކޮށްފައި ވަނީ ދިވެހި ކަނޑުތަކުގައި އުޅޭ މަޑި އަސްލަކަށް ބަލައިގެންނެވެ.
މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރުގެ ޓާމިނަލަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެން ދާނެ އެވެ. އަދި، މި މަޝްރޫއު ނިމުމުން އެއާބަސް A320 އަދި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެ އެވެ.