ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދެބައިވީއިރު އިންތިޚާބުން ނުކުންނާނެ ނަތީޖާ މިހާރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި ދެން އޮތް ރިވެތި ގޮތަކީ ބޮނދު ވައްޓާލާފައި އަލުން ކުޅިބައި އެތުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ޞާލިޙް އައްޑުއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައި މާލެ ވަޑައިގަތީ ރޭގައެވެ. އެ ދަތުރުފުޅުގައި ފެނިގެންދިޔަ ކަންކަމަށް އަލިއަޅުވައިލައްވަމުން ނަޝީދު ވަނީ އައްޑޫން ރައީސް ޞާލިޙަށް ތާއީދެއް ނެތްކަމަށް ވިދާޅުވެފައެވެ.
”އަޅުގަނޑު ރައީސް ޞާލިޙަށާއި އެ ޓީމަށް ދަންނަވަން އޮތް ވާހަކައަކީ ދެން ތިބޭފުޅުންނަށް ނަތީޖާ ޙަޤީޤަތުގަ އެނގިވަޑައިގަންނަވާ. ކެމްޕޭން ދެބައިވެއްޖެ. ނަތީޖާ އެނގިވަޑައިގަންނަވާނެ ބުއްދިވެރި ގޮތަކަށްވާނީ ބޮނދު ވައްޓާލާފައި މިހާރު އަނެއްކާ އަލުން ކުޅިބައި އެތުރުން.“
”ރީތިކޮށް ކުޅޭ މީހުން އަމިއްލައަށް ކުރިއަށް ހުރި ތިންކުޅި ފެނުނީމާ ހަތަރުކުޅި ފެނުނީމާ ދެން ހުސް ބޮނދަށްވާތަން ފެނުނީމާ އަމިއްލައަށް ބޮނދު ވައްޓާލާނެ. އެއީ އަބަދުވެސް ރިވެތި އުސޫލު. އަދި އެއީ ޑިމޮކްރެޓިކް އުސޫލު.“ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ދެން އެންމެ ރަނގަޅުވާނީ މުޅި އެމްޑީޕީ ވެސް އެމަނިކުފާނާއެކު ރިޔާސީ އިންތިޚާބަށް ނުކުތުން ކަމަށެވެ.