އިސްލާމީ ދަޢުވަތު ފެތުރުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެތެރެއިން ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢު ކުރަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގައި ކިޔާ ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ޝާއިޢުކުރަން ފަށާފައިވާ ކަމަށާއި މިއީ އިސްލާމްދީނަށް ލޯބިޖައްސައި ދީނީ މަޢުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ.
ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ޤައުމަކަށްވާތީއެވެ.
އަދި އިސްލާމްދީނުގެ މަޢުލޫމާތު އެ ފަރާތްތަކަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.
އެ ގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެފަހުން ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެއެވެ.