އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ނިންމުމަށް ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މި ޖަލްސާ ބާއްވަން ތާވަލުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައި އާޓިފިޝަލް ބީޗުގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ފޯރިގަދަވަމުން އަންނައިރު ދާދިފަހުން ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ވެސް ނަޝީދުގެ ޓީމުން ވަނީ ޖަލްސާއެއް ބާއްވައިފައެވެ.
އެ ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ދެން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.