ރާއްޖޭގެ މަސްވެރިކަން ރަނގަޅުވަމުން އަންނަ ކަމަށް މިފްކޯއިން ބުނެފިއެވެ.
ބައެއް މީޑިއާތަކަށް މިފްކޯއިން ބުނީ މަސް ކިރުވާ ޢަދަދު އިތުރުވަމުން އަންނަ ކަމަށާއި އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް މިފްކޯއަށް 300 ޓަނުގެ މަސް ކިރަމުން އަންނަ ކަމަށެވެ.
މިފްކޯއިން ބުނި ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މި ދުވަސްވަރު މަސްވެރިކަން ރަނގަޅެވެ. ޚާއްސަކޮށް މ.އަތޮޅާއި ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުކަމަށް މިފްކޯއިން ބުންޏެވެ.
މި އަހަރުގައި މަސްވެރިކަން ރަނގަޅުވަމުން އަންނައިރު މިފްކޯއިން މިދިޔަ އަހަރު ވަނީ 63579 މެޓްރިކް ޓަނުގެ މަސް ގަނެފައެވެ. އަދި މަސްވެރިންނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.