މިދިޔަ ދުވަސްތަކުގައި ހުޅުމީދުއާއި މަރަދޫފޭދޫގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކޮށްދެއްވި ކަންކަމަށް އެކަނި ބަލައިލިޔަސް ރައީސް މުޙައްމަދު ނަޝީދުގެ ތިން އަހަރަށްވުރެ ދިހަ ގުނަ އިތުރުކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާވެއްޖެއެވެ.
ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑުގެ ދެ އަހަރު ކަނޑާލުމުން ރައީސް ޞާލިޙަށް ފުރިހަމައަށް މަސައްކަތް ކޮށްލައްވަން ލިބިވަޑައިމިގަތީ ތިން އަހަރު ކަމަށެވެ. އަދި ހުޅުމީދުއާއި މަރަދޫފޭދޫގައި ރައީސް ޞާލިޙް ކޮށްދެއްވި ކަންކަމަށް އެކަނި ބަލައިލިޔަސް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ކޮށްދެއްވި ކަންކަމަށްވުރެ ދިހަ ގުނަ އިތުރުކަމަށެވެ.
”ކިހިނެއް ދެން ރައީސް ނަޝީދު ޗޮއިސްއަކަށްވާނީ. ސޮރީ. ހަމަ އިބޫ 2023 އޭ ބުނެވޭނީ.“
ދާދިފަހުން ނަޝީދު ވިދާޅުވީ އަބަދުވެސް އިވެމުންދަނީ ކަންކަން ނިމޭ ވާހަކަ ކަމަށާއި ނަމަވެސް އެއްވެސް ކަމެއް ނިމޭ ތަން ނުފެންނަ ކަމަށެވެ. އެ ވާހަކައަށް ރައްދު ދެއްވަމުން ރައީސް އިއްޔެ ވިދާޅުވީ ހުޅުމީދުއަށް ބެލި ނަމަވެސް ބުނެލަން އޮތީ ”ނިމިއްޖެ، ނިމިއްޖެ،ނިމިއްޖެ ކަމަށާއި ނިމިއްޖެ ކިޔާފައި ކިޔަން އޮތް ލިސްޓު މާ ދިގުކަމަށެވެ.