ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ މަރުޙަބާ ދެންނެވުމުގެ ހަރަކާތްތައް ބާއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތީ އިއްޔެގައެވެ. ކެމްބޯޑިއާގެ ބޮޑު ވަޒީރަށާއި އެ މަނިކުފާނުގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ ފޮރިން މިނިސްޓަރު ޝާހިދެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާ ދެންނެވުމުގެ ޙަރަކާތްތައް މިއަދު ވަނީ ބާއްވައިފައެވެ.
ރަސްމީ ޢިއްޒަތުގައި އެ މަނިކުފާނަށް މަރުހަބާ ދެންނެވުން އޮތީ މިއަދު ހެނދުނު 09:45 ހާއިރު ޖުމްހޫރީ މައިދާނުގައެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެއަށް ފައިބައިވަޑައިގަތުމާއެކު ޢިއްޒުއްދީން ފާލަމުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސް ޞާލިޙެވެ.
މި ރަސްމިއްޔާތުގައި ދަރުމަވަންތަ ސްކޫލު ކުދިން ހުށަހަޅައިދިން ސަގާފީ އައިޓަމެއް ފެނިގެންދިޔައެވެ.
ރަސްމިއްޔާތުގައި ކެމްބޯޑިއާގެ ބޮޑުވަޒީރަށް ސިފައިން ވަނީ 7 ބަޑީގެ ސަލާމެއް ވެސް އަރުވައިފައެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައި ދެ ޤައުމުގެ ގުޅުން ހަރުދަނާކުރެވިދާނެ ބައެއް ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއި ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ރަސްމީ ވާހަކަފުޅުތަކަށްފަހު ރައީސް ޞާލިޙާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ވެސް ދެއްވާނެއެވެ.
ރާއްޖެއިން ކެމްބޯޑިއާއާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 21 ސެޕްޓެމްބަރު 1995 ގައެވެ.