އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް 2-0 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި އާސެނަލުން 8 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ 18 މެޗުން ލިބުނު 47 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 39 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި 38 ޕޮއިންޓާ އެކު އޮތީ ނިއުކާސަލް ޔުނައިޓެޑެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 14 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފަ އެވެ. މި ގޯލަކީ ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މި ގޯލަށްފަހު ވެސް އާސެނަލުން ދިޔައީ ޓޮޓެންހަމްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 36 ވަނަ މިނެޓްގައި މާޓިން އޮޑެގާޑް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އޮޑެގާޑް މި ގޯލް ކާމިޔާބުކުރީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ޓޮޓެންހަމުން ކުޅުން ރަނގަޅު ކުރި ނަމަވެސް އާސެނަލްގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ. ދެވަނަ ހާފްގައި ލީޑު އިތުރަށް ފުޅާކޮށްލަން އާސެނަލް އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.
މިއީ 2014 ވަނަ އަހަރަށްފަހު ޓޮޓެންހަމްގެ ދަނޑުގައި އެޓީމުގެ މައްޗަށް އާސެނަލް އިން ހޯދި ފުރަތަމަ މޮޅެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީން ވަނީ ކްރިސްޓަލް ޕެލެސް އަތުން 1-0 އިން މޮޅުވެފަ އެވެ. ޗެލްސީގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އެވެ. އަދި ނިއުކާސަލް ޔުނައިޓެޑުން ވަނީ ފަހު ވަގުތު 1-0 އިން ފުލަމް ބަލިކޮށްފަ އެވެ. އެ މެޗުގެ ހަމައެކަނި ގޯލު ނިއުކާސަލް އަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އިސާކް އެވެ.