އައްޑޫ ސިޓީއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅަށްފަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާލެ ވަޑައިގެންފިއެވެ.
ރައީސް ޞާލިޙްގެ ކެމްޕޭނު ޓީމުން ހާމަކުރި ގޮތުގައި އެ މަނިކުފާނު އެނބުރި މާލެ ވަޑައިގަތީ މިރޭގެ ވަގުތެއްގައެވެ.
ރައީސް ޞާލިޙް އައްޑޫ ދަތުރުފުޅު ފެށްޓެވީ އިއްޔެގައެވެ. އެ ގޮތުން އެމަނިކުފާނުގެ އެންމެ ފުރަތަމަ މަންޒިލަކަށްވީ ހިތަދުއެވެ. ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ މީދުއެވެ.
ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި ހިތަދޫގައި ދޮރުން ދޮރަށް ހިންގަވައި އެމްޑީޕީ މެންބަރުންނާއި ބައްދަލު ކުރެއްވިއެވެ. މީގެއިތުރުން ކެމްޕޭން ޓީމުތަކާއި ސަޕޯޓަރުންނާ ބައްދަލު ކުރެއްވިއެވެ.
މީގެއިތުރުން އެ މަނިކުފާނު ވަނީ ”އައްޑޫ ސިޓީ މަރަދޫ އިބޫ 2023 ކެމްޕޭން ޖަގަހަ“ވެސް ހުޅުވައިދެއްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ. މި އިންތިޚާބުގައި ރައީސް ޞާލިޙާއި ވާދަކުރައްވާނީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.