މި ސަރުކާރުގެ ޝިޢާރަކީ ”އަންނަނީ، އަންނަނީ“ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރައްދު ދެއްވައިފިއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މާލޭގައި ވާހަކަފުޅު ދައްކަވަމުން ދާދިފަހުން ނަޝީދު ވިދާޅުވީ އަބަދުވެސް އިވެމުންދަނީ ކަންކަން ނިމޭ ވާހަކަ ކަމަށާއި ނަމަވެސް އެއްވެސް ކަމެއް ނިމޭ ތަން ނުފެންނަ ކަމަށެވެ.
”މި ސަރުކާރުގެ ޝިޢާރަކީ އޮލިމްޕަހުގައި އަޅުވާނެ, އަންނަނީ ދެން އަންނަނީ. މި އަންނަ ކުއާޓާގައި އަންނަނީ އަނެއް ކުއާޓާގައި އަންނަނީ. މި ފިލްމެއް ނުފެނުނު.“ ސަރުކާރަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައިގައި ނަޝީދު ވިދާޅުވިއެވެ.
އެ ވާހަކަފުޅަށް ރައްދު ދެއްވައި އައްޑޫ މީދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ހުޅުމީދުއަށް ބެލި ނަމަވެސް ބުނެލަން އޮތީ ”ނިމިއްޖެ، ނިމިއްޖެ، ނިމިއްޖޭ“ ކަމަށެވެ. އަދި ނިމިއްޖެ ކިޔާފައި ކިޔަން އޮތް ލިސްޓު މާ ދިގުކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.