ޢަދާލަތު ޕާޓީގެ ބައެއް ވިސްނުން އެމްޑީޕީއަށް ގެންނަންޖެހޭ ކަމަށް ރައީސް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން މިއަދު މ.މަޑުއްވަރިއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރެއަށް ގެންނަންޖެހޭ ބައެއް ފިކުރު އެބަހުރި ކަމަށާއި އޭގެތެރޭގައި ބައެއް ޕާޓީތަކުގެ ސިޔާސަތުތައް ވެސް ހިމެނޭ ކަމަށެވެ.
”ޚާއްސަކޮށް އަޅުގަނޑު ދަންނަވައިލާނަން ޢަދާލަތު ޕާޓީގެ ވިސްނުން. ބައެއް ވިސްނުން އެއީ އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފުކުރަންޖެހޭ ކަންކަން.“ ޢަދާލަތު ޕާޓީއަށް މީގެކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވާ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޢަދާލަތުން ކެންޑިޑޭޓެއް ވެސް ނުނެރޭ ކަމަށާއި އެއީ އެމަނިކުފާނު ހިތްހަމަޖެހޭ ކަމެއް ކަމަށެވެ.
ޢަދާލަތުގެ ބައެއް ވިސްނުންތައް ރަނގަޅު ނަމަވެސް އެމްޑީޕީގެތެރެއަށް ގެންނަން ޖެހެނީ ޢަދާލަތުގެ ކޮން ވިސްނުންތަކެއް ކަމެއް ނަޝީދު ވިދާޅެއް ނުވެއެވެ.