ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އެ މަނިކުފާނުގެ ވަކީލު ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަޑައިގަންނަވާ ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށާއި އިސްތިއުނާފީ ކޯޓްގެ ކުރިމަތީގައި އޮތީ އެތައް ރައްޔިތުންގެ ޙައްޤު ކަމަށެވެ. އަދި ދާދި އަވަހަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމި, އަނިޔާވެރިކަމުގެ މައްޗަށް ޢަދުލުވެރިކަން ފާޅުވާނެކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
”ދާދި އަވަހަށް ރައީސް ޞާލިޙްގެ ވެރިކަން ނިމި އަނިޔާވެރިކަމުގެ މައްޗަށް ޢަދުލުވެރިކަން ފާޅުވާނެ. ރ.އިބޫގެ ސިޔާސީ ބަދަލުހިފުން ވަރަށް އަނިޔާވެރި.“
ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާ ސާބިތުވެ 11 އަހަރަށް އެ މަނިކުފާނު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ މިދިޔަ މަހުގެ 25 ގައެވެ. އެ މަނިކުފާނަށް ޙުކުމް ކުރިއިރު އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ވެސް ވަނީ ނިންމަވައިފައެވެ. ނަމަވެސް ދަށު ކޯޓުގެ ޙުކުމް މަތީ ކޯޓަކުން ބާތިލު ނުކުރާހައި ހިނދަކު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ގެއްލޭނެއެވެ.
Jameel beynun vanee aniyaaverikan alun iyaadha kurantho. hamagaimu ekamakah neydheene.