ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މުޙައްމަދު ފައިޞަލް ހަމަޖައްސަވައިފިއެވެ.
ހައިކޯޓުން ބުނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ހައިކޯޓުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މުޙައްމަދު ފައިޞަލް ކަމުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލެވިގެންވާ ގޮތް:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި،ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއް.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވާ އެހެން ފަނޑިޔާރެއް.
ސްޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް.
ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކީ ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ބަލައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި އެ ނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށް ޓަކައި އުފައްދާފައިވާ މަޖިލީހެކެވެ.