ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރާއްޖޭގެ ވެރިކަމަށް ގެނައުމަށްޓަކައި އޭނާއަށް ތާއީދުކުރައްވާ ބައެއް މީހުންނާއި އެ ޕާޓީގެ ޢާންމު މެންބަރުން ސޯޝަލް މީޑިއާގައި ރިޔާސީ ކެމްޕޭން ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ އަންނަ ސެޕްޓެމްބަރު 09 ވަނަ ދުވަހު ރިޔާސީ އިންތިޚާބު އޮންނާނެކަން އިއުލާނުކޮށްފައެވެ.
ރިޔާސީ އިންތިޚާބުގެ ފޯރިގަދަވަމުން އަންނައިރު ޖޭޕީގެ ކައުންސިލު މެންބަރުން މިހާރު އަންނަނީ ”ޤާސިމް2023“ ހޭޝްޓެގާއެކު ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ޤާސިމްގެ ވީޑިއޯތަކާއި ފޮޓޯތައް ދައުރުކުރަމުންނެވެ.
އެ ގޮތުން ޖޭޕީގެ ކައުންސިލު މެންބަރަކު ވަނީ ޤާސިމަކީ ”ހިންގުންތެރި ވިޝަނަރީ ލީޑަރެއް“ ކަމަށް ބުނެ ”ޤާސިމް2023“ ހޭޝްޓެގާއި ”ހޯޕް ފޯ ދަ ނޭޝަން“ ހޭޝްޓެގާއެކު ޤާސިމްގެ ވީޑިއޯއެއް ވެސް ޢާންމުކޮށްފައެވެ.
ނަމަވެސް ޤާސިމް އިންތިޚާބުގައި ވާދަކުރައްވާކަމެއް އެ ޕާޓީން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވި ގޮތުގައި އެ ޕާޓީން ރިޔާސީ އިންތިޚާބާމެދު ގޮތެއް ނިންމާނީ އަންނަ މަހު ބާއްވާ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއިންނެވެ.