މާލެ ސިޓީ ކައުންސިލުން ރަމަޟާން މަހަށް ޚާއްސަކޮށްގެން ބާއްވާ ޤުރްއާން ކިޔެވުމުގެ މުބާރާތާއި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޖެނުއަރީ 20 ގައި ހަމަވާނެ ކަމަށް އެކައުންސިލުން ބުނެފި އެވެ.
މި ދެމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.
ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ “ މާލޭ ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 1444 “ މި ނަމުގައެވެ. އަދި މަދަޙަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ “ މާލޭ ސިޓީ ކައުންސިލް މަދަޙަ މުބާރާތް 1444 “ މި ނަމުގައެވެ.
ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތުގެ ރެކޯރޑިން ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޤުރްއާން މުބާރާތް ފަށަން ތާވަލް ކުރެވިފައިވާ ތާރީޚަކީ 10 ފެބްރުއަރީ 2023 ގަ އެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި މި މުބާރާތާއި ބެހޭ އުސޫލުތަށް މާލޭ ސިޓީ ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ. އެ ގޮތުން https://qm1444.malecity.gov.mv/ ލިންކުން ފޯމު ފުރާލެވޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
މީގެ އިތުރަށް އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިދާރާއިން ފޯމު ދޫކުރާނެ ކަމަށާއި، މި ގޮތުން ފުރޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސްގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު އަނބުރާ 2:00 އަށް ބަލައިގަންނާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.