އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރުގެ ރިޔާސީ ކެމްޕޭން އަންނަ މަހުގެ ތިންވަނަ ދުވަހު ފަށަން ނިންމައިފިއެވެ.
ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ އިއުލާނުކޮށްފައެވެ. އިންތިޚާބު ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު 09 ގައެވެ.
ޢުމަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު އިއުލާން ކުރުމާ ގުޅިގެން އޭނާގެ ރިޔާސީ ކެމްޕޭން އަންނަ މަހުގެ ތިންވަނަ ދުވަހު ފަށްޓަވާނެ ކަމަށެވެ.
”އަޅުގަނޑުގެ ރިޔާސީ ކެމްޕޭން ފެށުމުގެ ފުރަތަމަ ޖަލްސާ އޮންނާނީ 3 ފެބްރުވަރީ ވާ ހުކުރު ދުވަހުގެރޭ 9:00ގައި ސަލްޓަންޕާރކް ގައި.“
”ރާއްޖެއަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ދިވެހިރާއްޖެ މުޅިން އާ މިސްރާބަކަށް ގެންދިއުމަށް އަޅުގަނޑާއެކު ހިންގަވާ.“ ޢުމަރު އިތުރަށް ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވި ގޮތުގައި އެހެންނޫނީ ދެންވެސް ދާނީ ހަމަކުރިން ވެސް ދިޔަގޮތަށް ކަމަށެވެ.