އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ދެކޮޅަށް އައްޑޫ ސިޓީ ހުޅުމީދޫގައި އިހުތިޖާޖުކުރަން ފަށައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދެން ވަޑައިގަންނަވާނީ ހުޅުމީދުއަށެވެ.
ރައީސް ޞާލިޙް އެ ރަށަށް ވަޑައިގަންނަވާތީ ރައީސް ޔާމީންގެ ސަޕޯޓަރުން މިހާރު މަގުތަކަށް ނުކުމެ ދަނީ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އަޑުއުފުލަމުންނެވެ. ފުލުހުން މިހާރު ދަނީ މުޒާހަރާ ރޫޅައިލުމަށް މަސައްކަތް ކުރަމުންނެވެ.
ރައީސް ޞާލިޙް މިހާރު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ ކޮންމެ ރަށަކަށް ވަޑައިގަތް ނަމަވެސް އެ ރަށެއްގައި ތިބޭ ރައީސް ޔާމީންގެ ސަޕޯޓަރުން ނުކުމެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އަޑުއުފުލައެވެ. އެ ގޮތުން ކުރިއަށްދާ މުޒާހަރާތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ވެސް ކުރެއެވެ.