ވ.އާރަށު މައްސަލައިގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ތަފްސީލް ރިޕޯޓު މިއަދު ދޫކޮށްފިއެވެ.
އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ.
ހައިކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރަން ލިބެނީ 60 ދުވަސް ކަމުގައިވިޔަސް އިސްތިއުނާފުކުރުން ލަސްވަނީ ޝަރީޢަތް ނިމުނުގޮތުގެ ތަފްސީލީ ރިޕޯޓާއި ކޯޓުގައި ދެއްކި ވާހަކަތައް ހިމެނޭ ބަޔާންތައް ކޯޓުން ނުދޭތީކަމަށް ރައީސް ޔާމީންގެ ވަކީލުން ކުރިން ވިދާޅުވިއެވެ.
ވަކީލު އާދަމް ޝަމީމް މިއަދު ވިދާޅުވީ ”އެންމެ ފަހުން ރިޕޯޓު ލިބިއްޖެ“ ކަމަށާއި “ކުރިއަށް އޮތީ ބުރަ ދުވަސްކޮޅެއް“ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް މިހާރު ވަނީ ރައީސް ޔާމީނަށް އަރުވައިފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމް މަތީ މަރުހަލާގެ ކޯޓަކުން ބާތިލް ނުކުރާހައި ހިނދަކު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ނޯންނާނެއެވެ.