ދައުރު ނިންމަވައިލެއްވުމަށްފަހު ގޭގައި ހުންނެވުމަކީ ފަސޭހަކަމެއް ކަމަށާއި ނަމަވެސް ދެވަނަ ދައުރަކަށް ނުކުމެވަޑައިގަތީ އެމްޑީޕީގެ ޙައްޤުގައިކަމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
މަރަދޫފޭދޫ އެމްޑީޕީގެ ޖަގަހައިގައި ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގޭގައި ހުންނެވުމަކީ ފަސޭހަކަމެއް ވަރަށް ފަސޭހަ ކަމެއް ނަމަވެސް އިތުރު ދައުރަކަށް ކުރިމަތިލައްވަނީ އެމްޑީޕީން ވީ ވަޢުދުތައް ފުއްދެވުމަށްޓަކައި ކަމަށެވެ.
”ވަރަށް ފަސޭހަ އެއް ދައުރު ނިންމާލައިފައި އަޅުގަނޑު ގޭގައި ހުންނަން. އެއްވެސް ކަމެއް ނޫން. އަޅުގަނޑު މަޖިލީހުގައި 25 އަހަރު އުޅުނިން. ރިޔާސީ ދައުރެއް ނިމުނީ. ދެން ކީއްކުރަންތޯ. ނަމަވެސް ޕާޓީއަށްޓަކައި އަޅުގަނޑުމެން ވީ ވަޢުދު ފުއްދުމަށްޓަކައި މިކަން ކުރަން އެބަޖެހޭ. މިކަން ކުރެވެން އޮތީ މި ދެންނެވިހެން ގިނަ ބައެއްގެ ތާއީދާ އެކީގައި މިކަން ކޮށްގެން.“
2008 ގެ ފަހުން ކަން ހިނގާދިޔަ ގޮތަށް އަލިއަޅުއްވައިލައްވައި ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ ދެވަނަ ފަހަރަށް އިންތިޚާބުކުރާ ވެރިކަމެއް އޭރުދިޔަ ހިސާބަށް ގޮސް އެމްޑީޕީ މަގުމައްޗަށް ނުކުންނަންޖެހުމަކީ ޕާޓީގެ މެންބަރުން އެދޭނެ ގޮތެއް ނޫން ކަމަށެވެ.
”އަޅުގަނޑުމެންނަށް އެހެން މަގެއް އެބައޮތް. ވެރިކަމަށް އާދެވޭނެ ގޮތް އެބައޮތް. ވެރިކަމަށް އައިސް ކަންތައް ކުރެވޭތަން އެބަފެނޭ. ދެން ކީއްކުރަންތޯ އެހެން ގޮތެއް ޚިޔާރުކުރަންވީ.“
ރައީސް ވިދާޅުވީ ވެރިކަން އެހެން ބަޔަކަށް ލިބިއްޖެނަމަ ދެން ކަންތައްވާނެ ގޮތް ވަރަށް ސާފުކަމަށެވެ.